ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، މުޅި ސަރުކާރު ގުޅިގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދަދޭނެ ވިޝަންއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެބައޮތްކަމަށެވެ. އެ ވިޝަންގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޒަމާނީ ރީތި މަގެއްގެ ގޮތުގައި މާލޭގެ ބޭރުމަގު ތަރައްޤީކޮށްފައިވާއިރު މާލޭގެ އެހެން މަގުތައްވެސް ތަރައްޤީކުރުމުގެ ވިސްނުން މި ސަރުކާރުގައި އެބައޮތްކަމަށް ވިދާޅުވިއެވެ.
”މާލޭގެ ހުރިހައި މަގެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހަދަން އެ ފަށަނީ ޗައިނާ ސަރުކާރުގެ އެހީގައި. ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރުގައި ޓްރެފިކް މައްސަލަވެސް ޖެހޭނެއޭ ޒަމާނީ ފެންވަރަށް ތަރައްޤީކުރަން މަސައްކަތްކުރަން. އެއީ ވިޝަންއަކީ. އެ ވިޝަން ހަޤީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މި ޤާނޫނުން މި ޖާގަ ހޯދީ މުޅި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް ހަދައިގެން ނޫންގޮތަކަށް ދެން މި މައްސަލައަށް ހައްލު ހޯދަން ދަތިވާނެއޭ“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން ހެދުމުގެ ޤާނޫނާ ގުޅޭގޮތުން ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނާއި އަދި ސަރުކާރުގެ މުވައްސަސާތައް ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.



