އެމްއެންޔޫ ބިޒްނަސް ސްކޫލާ އިންވެގެން އޮންނަ ބިމުގައި ޕާކިން ބިލްޑިން އެޅުމަށް ބަޔަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެތަންތަނުގައި ޕާކު ކުރުމަށް ނަގާނީ ކުޑަ ފީއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ޕާކިން އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ މާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ކަމަށެވެ.
”މިތަންތަނުގައި ގާއިމްކުރެވޭ ޕާކިންއަކީ ސަރުކާރުން އާންމު ރައްޔިތުންނަށް އުފުލޭ ވަރުގެ ކުޑަ ފީތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.
އެތަންތަނުގެ ޕާކިން ފީ ކަނޑައަޅާނީ ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ.
ހީނާމާގޭ ބިމާއި ސޯސަންމަގު ބިމުގައި ޕާކިން އިމާރާތްތައް އަޅަނީ މާލޭގެ މަގުތަކުގެ ދެ ފަޅީގައި ޕާކު ކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ހަތަރު ފުރޮޅުލީ ވެހިކަލްއާ ދެ ފުރޮޅު ލީ ވެހިކަލް ވަކިން ޕާކު ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމުތައް ހަމަޖެއްސުން ބޭނުމަކީ“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މެކޭނިކަލް ޕާކިން އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް ބޭސިސްއަށް ޕާކިން ނިޒާމުތައް ގާއިމް ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.



