އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން ރާއްޖޭގައި އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ފަހުން 20 އަހަރު ދުވަހުގެ މުއްދަަތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ އުޅަނދުތައް ދައުލަތަށް ނަގާނީ އަގެއް ދިނުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮގަސްޓް މަހުގެ 31ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިސްނާ ކުރެވޭ ޚާއްސަ ގިންތީގެ އުޅަނދު ފިޔަވައި، އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަކަށް އަމަލުކޮށް، ރާއްޖެއަކީ އަމާން ގައުމަކަށް ހެދުން ކަމަށެވެ.
”ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންނަށް ވެސް މީގެ ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް އަދި ފައިނޭންޝަލީ ވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަކަށް ނަގާ މެދު މިންގަނޑެއް އަޅުގަނޑުމެން ނަގާނީ“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގެ ބާބު ތަންފީޒު ކުރުމުގެ ކުރިން، ތިން އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ގާނޫނުގައި ހިމަނައިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއަށްފަހު ވެސް، 20 އަހަރަށްވުރެ ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.



