ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް މަތިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ރޭގައި ވިދާޅުވީ ފަޔާޒުގެ މަގާމު މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.
އޭނާގެ މަގާމު މަތިކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް ކަމަށް ވެސް މުންދު ވިދާޅުވެފައިވެއެވެ.
އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި، މި ސަރުކާރުން އައްޔަން ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ނަމަވެސް އެމަނިކުފާނު މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތް ފަހުން، ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ފަޔާޒު އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ފަޔާޒު ވަނީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެއީ ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ އެއް ބޭފުޅާ ވެސް މެއެވެ.



