ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނީ، އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00އިން ފެށިގެން ހަވީރު 16:00އަށް ކަމަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.



