ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގިނަވުމަކީ އެ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ފެންނަ ކަމެއް ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭގައި ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާ ހިސާބުން ފެށިގެން ކޮންޒަވެޓިވް ފިކުރުގެ ޕާޓީތަކުގައި މަސައްކަތް ކުރެއްވި އިރު، އެ ޕާޓީތަކުގެ ކަންކަން ބައްޓަންކުރައްވަމުން ގެންދެވީ ލީޑަރުން ކަމަށެވެ.
އެހެންނަމަވެސް ޕީއެންސީ ހިނގަނީ އާއްމު މެމްބަރުން ބޭނުންވާ ގޮތަށް ކަން ޕާޓީގެ ކޮންގްރެސްއަށް އެކަނި ބެލިޔަސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރާއިރު، އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.
“ އެހެންވީމާ މިއިން [އަދަދުތަކުން] މި ފެންނަނީ ޕާޓީ ތެރޭގައި އޮތް ޑިމޮކްރެޓިކް ސިސްޓަމްގެ ވަރުގަދަކަން ދެއްތޯ؟، އެހެންވީމާ އެ ވާދަކުރައްވަނީ. އަނެއްކާ ޝައުގުވެރިކަން ޕާޓީއާ ދޭތެރޭގައި އޮތީމާތާ މިހާ ގިނަ ބަަޔަކު ވާދަކުރައްވާނީ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
° ޕީއެންސީގެ ސެނެޓަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދުތައް:
– އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް، 73 ކެންޑިޑޭޓުން
– ނައިބުރައީސް ކަމަށް 11 ކެންޑިޑޭޓުން
– އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް، 23 ކެންޑިޑޭޓުން
– ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން



