ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ޓަކައި ބާއްވާ ތަފާތު ހަރަކާތްތައް ރަމްޒުކޮށްދޭނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ޖަޕާނު ސަރުކާރުން އާންމުކޮށް ހުޅުވާލައިފިއެވެ.
އަންނަ އަހަރު ފާހަގަކުރާ މި މުނާސަބަތަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ މުނާސަބަތެކެވެ.
ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، މި ލޯގޯ ފަރުމާކުރުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރައެއްގެ ދިވެހި އަދި ޖަޕާނު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ލޯގޯ ހުށަހަޅަންވާނީ ޖޭޕެކް، ޕީޑީއެފް ނުވަތަ އީޕީއެސް ފައިލް ފޯމެޓުގައި، އެންމެ ބޮޑުވެގެން ތިން މެގަބައިޓް އަދި 300 ޑީޕީއައި އަށްވުރެ ދަށްނޫން ރިޒޮލިއުޝަނެއްގައެވެ. އަދި ލޯގޯގެ ކުލަ އަދި ކަޅާއި ހުދު ވާޝަންގެ އިތުރުން ގާތްގަނޑަކަށް 80 ބަހުގެ ކުރު ތަފްސީލެއް ވަކި ފައިލެއްގެ ގޮތުގައި އީމެއިލްގައި އެޓޭޗްކުރަން ޖެހޭނެކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ހުށަހަޅާ ލޯގޯ ވާންވާނީ އަމިއްލަ އުފެއްދުމަކަށް ކަމަށާއި ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވާ، ނުވަތަ އެހެން ފަރާތެއްގެ ކޮޕީރައިޓަށް އަރައިގަންނަ، އަދި ބޭއަދަބީ، ގާނޫނާ ޚިލާފު، ސިޔާސީ، ދީނީ، ނުވަތަ ވިޔަފާރި މަގްސަދެއް އެކުލެވޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ. އެ ފަދަ ހުށަހެޅުންތައް ބާތިލުކުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހޮވޭ ލޯގޯގެ އެންމެހައި ކޮޕީރައިޓާއި ހައްގުތައް ލިބިގެންވަނީ ހަމައެކަނި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ކަމަށާއި އަދި ޑިޒައިނަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ވެސް އެ މިނިސްޓްރީއަށް އޮންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުންތައް ފޮނުވަން ޖެހެއެވެ.



