ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން މުޅި އުމުރަށް ފީފާއިން ސަސްޕެންޑުކޮށް، 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
ކޮވިޑުގައި ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށްދޭން ފީފާއިން އެފްއޭއެމްއަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމް މިވަގުތު ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މީގެއިތުރުން އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތަކެއް ވެސް ކޯޓުގައި ބައްސާމާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.
ބައްސާމާ މެދު ފިޔަވަޅު އަޅާފައިވާކަން ހާމަކޮށް ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ދިން ކޮވިޑް ރިލީފް ފަންޑް އޭނާގެ އަމިއްލަ މަންފާއަށް ބޭނުންކޮށްފައިވާތީ، އޭނާ އުމުރަށް ސަސްޕެންޑް ކުރުމާ އެކު، 1 މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ތުހުމަތުތައް ތަހުގީގުކުރުމަށް ފީފާއިން ކުރިން ވަނީ ބައްސާމް ވަގުތީ ގޮތުން ވެސް ސަސްޕެންޑްކޮށްފައެވެ.
ފީފާއިން ބުނީ ހިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓުމެންޓުގެ ކުރީގެ ހެޑުު މުހައްމަދު އަގީލްއާ މެދު ވެސް ވަނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެއީ އަގީލް ފުޓުބޯޅައިގެ ހަރަކާތްތަކުން 10 އަހަރަށް ސަސްޕެންޑްކޮށް، 100،000 ސްވިސް ފްރޭންކް (122،000 ޑޮލަރު) އިން ޖޫރިމަނާކުރުމެވެ.
އޭނާގެ މައްޗަށް ފިޔަވަޅު އެޅީ، ފީފާގެ ފައިސާއަށް ހިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމާއި އަދި ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.



