މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމަށް ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފެވެ.
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްއަކީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުރިއަށްދާނީ، މާދަމާގެ ނިޔަލަށް ޝަހީދު ޢަލީ ސްކޫލުގައެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމެވެ.
މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 106 ފަރާތަކުން މި ކޮންފަރެންސްގައި 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކެމްބްރިޖު ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓު ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.




