މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން މިހާރު އިތުރުވަމުން އަންނާތީ، މި ބަލިތަކުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އެދިފައެވެ.
އެގޮތުން ބޭރަށް ހިންގުމުގެ އިތުރުން އެހެން އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ވަނީ މި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.
° ގިނަގިނައިން ހޮޑުލެވުން
° މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
° ބޮލަށް އެނބުރުން އެރުން
° އާދަޔާ ހިލާފަށް ކަރު ހިއްކުން
° އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
° ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
° ކުޑަކަމުދެވޭ މިންވަރު މަދުވުން
އެޗްޕީއޭއިން ވަނީ ބޭރަށް ހިނގާނަމަ، ގިނަގިނައިން ލޮނު ޕެކެޓާއި ފެނާއި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމަށް އެދިފަ އެވެ.
މީގެއިތުރުން ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.


