ލީކުވި ބަރަހަނާ ވީޑިއޯތަކުން ފެންނަނީ ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ ނޫން ކަމުގައި އޭނާ މިރޭ ބުނެފިއެވެ.
މަދަދާ ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް، ޓެލެގްރާމް ޗެނަލްތަކެއްގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯތައް ފެންމަތިވުމާއެކު މަދަދާ ވަނީ މިރޭ އޭނަގެ ފަރާތުން ބަޔާނެއް ނެރެ، ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
ބަޔާނުގައި މަދަދާ ބުނީ އޭނާގެ ބަރަހަނާ މަންޒަރުތަކެއް އާންމުވެއްޖެކަމަށް ބުނެ މިއަދު ދިވެހިރާއްޖޭގެ ބައެއް ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މި ވާހަކަތައް ޚަބަރެއްގެ ގޮތުގައި ފަތުރާފައިވަނީ ސަރުކާރުން ރަޖިސްޓްރީކޮށްފައިވާ ނޫސްތަކެއްގައި ކަމަށްވާތީ ދެ ކަމެއް މަދަދާ ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކޮށްފައިވަނީ، އެއީ ޚަބަރެއްގެ އޮޅިގަނޑު ގިރާކުރާ ޚަބަރެއް ނޫންކަމަށެވެ. އަދި އެއީ އަގުވައްޓާލުމުގެ ހުތުރު އަމަލެއްކަން އެންމެ
ރަނގަޅަށް އެނގޭނީ އެ ވާހަކަތައް ޝާއިއުކުރި މީޑިއާތަކަށް ކަމުގައިވެސް މަދަދާ ބުނެފައިވެއެވެ.
”އަޅުގަނޑާއި، އަޅުގަނޑު ކަހަލަ އާންމު ރައްޔިތުންނާ ގުޅިގެން ބަޔަކު ތޯތޯއަށް ދައްކާ މިފަދަ ވާހަކަތަކަކީ ’ޚަބަރެއް‘ ގެ ޝަރުތު ފުރިހަމަ ފަދަ ވާހަކަތަކަކަށް ނުވާނޭކަމީ ނޫސްވެރިކަމުގައި ވަރަށް އަސާސީ ފިލާވަޅެއް. އެ ވީޑިއޯތަކުން ފެންނަނީ އަޅުގަނޑުކަމަށް ’ބެލެވޭ‘ ކަމަށް ބުނެ ޚަބަރު ޝާއިއުކުރި އިރު އެހެން ބެލެވުނީ ކާކަށްތޯ އެއީ ވެސް ސާފުވާންޖެހޭކަމެއް“ މަދަދާ ބުނެފައިވެއެވެ.
ދެވަނަ ކަމަކަށް މަދަދާ ބުނެފައިވަނީ، ނޫސްތަކުގައި ޝާއިއުކޮށްފައި އެވާ ވާހަކައިގެ އެއްވެސް އަސްވެއް ނެތްކަމަށް ބުނެއެވެ.
”އަޅުގަނޑު އެއްވެސް މީހެއްގެ ކުރިމަތީގައި ހާސްވެ ގޮތްހުސްވެދާނޭ ހާލަތަށް ގެންދެވޭނޭ ކަހަލަ، ނުވަތަ އާންމުންގެ ތެރޭގައި ލަދުގަންނަ ހާލަތަށް ހިނގައިދާނޭ
ފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުހުންނާނެ. އަޅުގަނޑުގެ ފުށުން އެފަދަ ފޮޓޯއެއް އެއްވެސް މީހަކަށް ނުލިބޭނެ. އެފަދަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގައިފައި ނުވާނެ. އަދި އެފަދަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެއްވެސް މީހަކަށް ފޮނުވާފައި ވެސް ނުވާނެ. މިވާހަކަ މި ދަންނަވަނީ ނުހަނު ސާބިތުކަމާއެކުގަ“ ޔަގީންކަމާއެކު މަދަދާ ބުނެފައިވެއެވެ.
މީގެއިތުރުން މަދަދާ ބުނީ އޭނާގެ އަގު ވައްޓާލުމަށްޓަކައި ”އޭ.އައި“ ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށް ބެލެވޭ ފޮޓޯތަކަކާއި ވީޑިއޯތަކެއް ބަޔަކު އާންމުކުރަން ފެށީ މީގެ އަހަރެއްހައި ދުވަސްކުރިން ކަމަށެވެ. އެއިން އެއްވެސް ވީޑިއޯއަކުން ނުވަތަ ފޮޓޯއަކުން ވެސް އެ ފެންނަނީ
އޭނާ ނޫން ކަމަށް ވެސް ބުންޏެވެ. އަދި އެފަދަ ފޮޓޯތައް ފެތުރުމުގެ ބޭނުމަކީ އޭނާގެ އަގު ވައްޓާލުން ކަމުގައިވެސް ބުންޏެވެ.
މަދަދާ ބުނީ މިއަދު އަނެއްކާ ވެސް މީސްމީޑިއާގެ މަންސަތަކުގައި އައުކޮށްފައި އެވަނީ މީގެ އަހަރެއްހައި ދުވަސް ކުރިން ފެތުރި ފޮޓޯތަކާއި ވީޑިއޯތައް ކަމަށެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް އުފައްދައި ފަތުރައި، އެ ޚަބަރު ޝާއިއުކުރާ މީޑިއާތަކުން އެކުރާ ކަމަކީ ބަރަހަނާ މަންޒަރު
އުފެއްދުމާއި ފެތުރުމުގެ ގާނޫނީ ކުށުގެ އަމަލުކަމަށް ދެކޭ ކަމުގައިވެސް މަދަދާ ބުންޏެވެ.
މިކަމާ ބެހޭގޮތުން ފުލުހުންނަށް ރިޕޯޓެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




1 Comment
ޙަމަ ހައިރާން