ދިވެހިރާއްޖެ ވޭތުވެދިޔަ ދިގު މާޒީގައި އޮތް ފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ތެދުވެރި އަދި ވަފާތެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާގައި ދެއްވި ޚާއްސަ މެސެޖެއްގައި މައުމޫން ވިދާޅުވީ، ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އިސްލާމްދީން ގަބޫލުކުރި ފަހުން، މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ.
މިއީ ވަރަށް މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެންމެހާ ރައްޔިތުންނަށް މި ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
”އަޅުގަނޑު އެދެނީ ދިވެހިރާއްޖެ ވޭތިވި 900 އެތަކަށް އަހަރުވެސް އޮތްގޮތަށް ކުރިއަށް އޮތްތާންގައިވެސް ހަމަ އިސްލާމް ދީނަށް ވަފާތެރި، އިސްލާމް ދީނަށް ތެދުވެރި، ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް،“ ރައީސް މައުމޫން ވިދާޅުވިއެވެ.
ވޭތުވެދިޔަ މާޒީގައި ކާބަފައިން ދެއްކެވި ފިލާވަޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަށް ތަފާތު އެކި ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވި ކަމަށެވެ.



