69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ސައުތު އެފްރިކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ސައުތު އެފްރިކާގެ ޤާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗުން ގުޅިގެން އިންތިޒާމުކުރާ މި އަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ.
މި ކޮންފަރެންސަކީ ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި ޕާލިމެންޓަރީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިސް އޮފިޝަލުން މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ:
° ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް
° ދިއްގަރު ދާއިރާގެ މެންބަރު އަދި ސީ.ޕީ.އޭ އޭޝިއާ
ރީޖަނަލް ރެޕްރެޒެންޓެޓިވް އަޙްމަދު ނާޡިމް
° ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު
° ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
° ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ
° މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ އަލްފާޟިލާ ޢާއިޝަތު އީމާން



