މި ސަރުކާރުގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އިސްމަގާމަކަށް އައްޔަނުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މާރިޔާ އައްޔަނު ކުރައްވާފައިވަނީ އެމްބެސަޑަރ އެޓް ލާޖްގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އާއްމުކޮށް ހަމަޖައްސަނީ، ބޭރު ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރާށެވެ. އެހެންނަމަވެސް މާރިޔާ އައްޔަނު ކުރާ ޤައުމެއް އަދި އެނގިފައެއް ނުވެއެވެ.
އެގްރިކަލްޗަރ މިނިސްޓަރު ކަމުގެ ކުރިން މި ސަރުކާރުގައި މާރިޔާ އެންމެ ފުރަތަމަ ހުންނެވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަމަވެސް، މިނިސްޓްރީތަކަށް ގެނައި ބަދަލުގައި އޭނާ އެގްރިކަލްޗާ މިނިސްޓަރަކަށް ހަމަޖެއްސެވީ ޑިސެމްބަރު، 2024 ގައެވެ.
މިދިޔަ އޭޕްރީލް މަހު، ސަރުކާރުގެ ހިންގުމަށް ބަދަލުތައް ގެނައުމަށް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން މާރިޔާ ވެސް އިސްތިއުފާ ދެއްވިއެވެ.



