މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެ ވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުގައި ވިޔަފާރި އާއި ޑިޖިޓަލްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވަން ނިންމަވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ.
ދެ ޤައުމު ދެމެދު ރަސްމީ ބައްދަލުވުންތައް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ބޮޑުވަޒީރު އަންވަރު އެނބުރި މެލޭޝިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވެސް މާދަމާ އެވެ.
މެލޭޝިއާގެ ނޫސްތައް ބުނާގޮތުން މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ޑިޖިޓަލް އިންޓަގްރޭޝަންގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
ދެ ގައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ މަޝްވަރާތަކުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން ޚިޔާލު ބަދަލުކުރައްވާނެއެވެ.



