ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުވަޒީރު އަންވަރަށް އިސްތިޤުބާލު ކުރައްވާފައެވެ.
މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ބޮޑުވަޒީރަށް ރަސްމީ އޮނާގާޑެއް އަރުވާފައިވާއިރު، ސްކޫލު ދަރިވަރުންގެ ފަރާތުން ވަނީ ސަގާފީ ނެށުމެއް ހުށަހަޅައިދީފައެވެ. މި ރަސްމިއްޔާތަށްފަހު ދެ ލީޑަރުން އެކުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސް އޮފީހަށް ވަޑައިގެން އަންވަރު ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ބައެއް ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒާއި ބޮޑުވަޒީރު އަންވަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.



