ހާއްސަ ވިސާތަކުގައި ރާއްޖެ އެތެރެވުމަށް ފަހު ވޯކް ވިސާއަށް ބަދަލުނުކުރެވޭ ގޮތް މިއަދު ހަދައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިޒްނަސް ވިސާ ދޫކުރަނީ ވިޔަފާރީގެ ކަންކަމަށް ބޭރުގެ ޕްރޮފެޝަނަލުން ކުރު މުއްދަތަކަށް ގެންނަން ކަމަށެވެ.
ނަމަވެސް، ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓް ހޯދުން އަވަސްކުރަން ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއީ ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ވޯކް ވިސާއަށް ބަދަލުކޮށްގެންނެވެ.
އެހެންވެ މިހާރު ވަނީ ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ވޯކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
”މި ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ’އެކްސްޕެޓް ސިސްޓަމް‘ މެދުވެރިކޮށް ވޯކް ޕާމިޓަށް އެދި ހުށަނޭޅޭނެ ވާހަކަ، ވަޒީފާދޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތަކަށްޓަކައި ދެންނެވީމެވެ“ އިއުލާނުގައި ބުނެފައިވެއެވެ.


