ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާ އުފުލައިގެން ކޯޓު މަރުހަލާގައި އޮތް ދެ މައްސަލައިގެ ވެސް އަޑުއެހުމެއް، މި މަހު ފަހުކޮޅު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް މިއަދު ތާވަލުކޮށްފިއެވެ.
ޔާމީންގެ މައްޗަށް ދައުވާކޮށްގެން ކޯޓު މަރުހަލާގައި މި ވަގުތު އޮތީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.
މީގެ ތެރެއިން ވ. އާރަށް މައްސަލަ ކްރިމިނަލް ކޯޓުން މަޑުޖައްސާލީ، އެ މައްސަލަ އެ ކޯޓުން އަލުން ބަލާއިރު އޭގެ ކުރިން ބަލައިގަތް ދައުލަތުގެ އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމްކުރީ ހައި ކޯޓުން އެންގި ގޮތަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. އޭގެ އިތުރަށް ރ. ފުއްގިރި މައްސަލަ ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ތާވަލުކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހަށެވެ. އަދި އާރަށު މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.



