ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުގެ އިތުރުން މިހާރު ރައީސްކަމުގައި ހުންނަވާ ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތްޕުޅުތަށް ބަލައިގަންނަންޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
މުސްތަފާ ވަނީ ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ރައީސް ކޮށްދެއްވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު މިފަހުން ހައްދަވައިދެއްވި ބޮޑުތަކުރުފާނު މަގަށް އެކަނި ބަލާލުމުންވެސް ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިޔުމަކީ ރައްޔިތުން އެތަކެއް ޒަމާނެއް ވަންދެން ތަހައްމަލު ކުރަމުން އައި ދަތިކަމަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި މިއީ ހަމަ އެކަނި މާލޭގައި ދިއިޅޭ ފަރާތްތަކަށް ލިބުނު ފަސޭހައެއް ނޫންކަމަށާއި އެމަގު ތަރައްޤީ ކުރެވިގެން ދިޔުމުން ރަށްރަށުން މާލެ އަންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.




