ސްޓޭޓު ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން ނުދައްކާ އޮތް 50 މިލިއަން ޑޮލަރު ދައްކާފައިވަނީ އާންމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކުރާ ޑޮލަރުން ނޫން ކަމަށާއި އެ ފައިސާ ދެއްކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އިން ކަމަށް ފިނޭންސް މިނިސްޓްރީން ރޭގައި ބުނެފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްބީއައި މެދުވެރިކޮށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުން އެކި ފަހަރު މަތިން އެ ގައުމުން ފަސްކޮށްދިނެވެ.
އެގޮތުން އޭގެތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024 ވަނަ އަހަރުގައެވެ. ދެވަނަ 50 މިލިއަން ޑޮލަރު މިއަހަރުގެ މެއި މަހު ދެއްކިއިރު ބާކީއިން 50 މިލިއަން ޑޮލަރު ދެއްކީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ދެވަނަ ޕޭމަންޓް ދެއްކިތާ 4 މަސްތެރޭ ތިންވަނަ ޕޭމެންޓް ދެއްކުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެކި ވާހަކަތައް ދައްކަން ފަށާފައެވެ. އެގޮތުން ބައެއް މީހުން ބުނީ، އެ 50 މިލިއަން ޑޮލަރު ދެއްކީ އާންމުން ބީއެމްއެލްއަށް ޖަމާކުރާ ޑޮލަރުން ކަމަށެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މީޑިއާތަކަށް ބުނި ގޮތުގައި، އެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
”… ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންނެވެ،“ އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.



