ޖޮއިންޓް ޓާސްކްފޯސް އޮޕަރޭޝަނެއްގައި 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ 6 މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174،161 ޔޫ.އެސް ޑޮލަރާއި 56،760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3،861،415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



