ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލެއް ގެންގުޅުނު މީހަކު، އެ ސައިކަލު ނެގުނީ އޮޅުމަކުން ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގދ. ގައްދޫއަށް ނިސްބަތްވާ މީހެއްކަން އެނގިފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓާއި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރިކޯޑު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވާއިރު، އޭނާގެ އަތުން ވަގަށް ނަގާފައިވާ ސައިކަލެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ ސައިކަލު ނެގިފައިވަނީ އޮޅުމަކުން ކަމަށް އޭނާ ބުނިކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާ އަކީ ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.



