ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި ތިން މީހުންވެސް ޝަރުތުކުރުމަށްފަހު ދޫކޮށްލުމަށް އެ ތިން މީހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
މި މައްސަލައިގައި މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކުރީ މަރްޔަމް އީޝާ އަޝްރަފާއި ހުސައިން ޝާވިންގެ އިތުރުން މުޙައްމަދު ނާހިލެވެ.
މި މައްސަލައިގައި ފުރަތަމަ ކްރިމިނަލް ކޯޓުން އީޝާއާއި ޝާވިންގެ ބަންދަށް ޖެހީ 15 ދުވަހެވެ. އަދި ނާހިލްގެ ބަންދަށް ޖެހީ ފަސް ދުވަހުވަހެއެވެ. އެއަށްފަހު ކޯޓުން ވަނީ ނާހިލްގެ ބަންދުގެ މުއްދަތު ހަމަވުމުން 10 ދުވަސް ޖަހާފައެެވެ. އެހެންކަމުން ތިން މީހުންގެ ބަންދުގެ މުއްދަތުވެސް ހަމަވާ ގޮތަށް އޮތީ އިއްޔެއަށެވެ.
އެ ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އީޝާ ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނެއް ނޫންކަމަށް ކޯޓުގައި ބުނެފައެވެ. އަދި ތަހުގީގު އަވަސްކޮށްދިނުމަށާއި ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް އޭނާ ވަނީ އެދިފައެވެ. ނަމަވެސް އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑޮ އޮތް މީހެއްކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ޝާވިން ވެސް ވަނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށް ކޯޓުގައި ބުނެފައެވެ. އަދި ޝަރުތުކުރުމަށްފަހު ބަންދަށް ލުއިދިނުމަށް އޭނާ ވެސް ވަނީ ކޯޓުގައި އެދިފައެވެ. ޝާވިންއަކީ ވެސް ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
ނާހިލް ވަނީ އެޕާޓްމެންޓުގައި ހުރީ އޭނާ އެކަނި ނޫންކަމަށާއި، އެ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނެފައެވެ. ޝަރުތުކުރުމަށްފަހު ބަންދަށް ލުއިދިނުމަށް އޭނާވެސް އެދިފައިވާއިރު އޭނާގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.


