މާލޭގެ އެޕާޓްމަންޓެއްގެ ވެރިފަރާތް ޢުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް ހުއްޓައި، އެ އެޕާޓްމަންޓަށް ވަދެ ތިޖޫރި ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޟީ މުޒައްމިލު ނާޞިރު ހުކުމް ކުރައްވާފައިވަނީ މ. ކޮޅުފުށި / އާހިޔާ، މުޙައްމަދު ފިރުނާސް އާއި މ. ދިއްގަރު / އަޒުމް، އަހުމަދު އަސްއަދުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ 30 ޑިސެންބަރު 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މ.ގެދަ ނަމަކަށް ކިޔާ ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ.
ވަގުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު މަތާލައިގެން ވަދެ، ތިޖޫރި ފަޅާލައިގެން 300،000 ދިވެހި ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައެވެ.
މި މައްސަލައިގައި މުހައްމަދު ފިރުނާސްގެ މައްޗަށް ވައްކަން ކުރުމާއި، ހުއްދަނޫން ތަނަކަށް ވަނުމާއި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވިއެވެ. ބަންދުގައި ހޭދަކުރި 1 އަހަރާއި 21 ދުވަސް އުނިކުރުމަށްފަހު، ވައްކަމުގެ ދައުވާގައި އޭނާ ތަންފީޒު ކުރަންޖެހެނީ 6 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 2 މަހާއި 12 ދުވަސް އަދި މުދަލަށް ގެއްލުންދިނުމުގެ ކުށަށް 9 ދުވަހުގެ ޖަލު އަދަބެއް ވަނީ އިއްވާފައެވެ.
އަޙްމަދު އަސްޢަދުގެ މައްޗަށް ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާއާއި ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވިއެވެ. ކުށުގެ ރެކޯޑު އޮތުމުން އަދަބު މަތިކުރުމަށްފަހު، ބަންދު މުއްދަތުގެ 60 ދުވަސް އުނިކޮށް، ވައްކަމުގެ ދައުވާގައި އޭނާ ތަންފީޒު ކުރަންޖެހެނީ 1 އަހަރާއި 10 މަސް ދުވަހުގެ ޖަލު އަދަބެކެވެ. އަދި ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއަށް 3 މަސް ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފަ އެވެ.



