ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޕީޓާ ސަމާން މަރުޒޫކް ސަމާން ކިޔާ އުމުރުން 38 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކުރީ އެއާޕޯޓްގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އެމީހާގެ ދައްތަގެ ދަބަސް އިތުރަށް ޗެކް ކުރަމުންދިޔަ ވަގުތު އެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެފައިވާތީ އެވެ.
އޭނާ އެހެން ބުނުމުން އެތަނަށް ފުލުހުން ގެނެސް، ދަބަސް އިތުރަށް ޗެކްކުރި އެވެ. އެކަމަކު އޭގެއިން ބޮމެއް ފަދަ އެއްޗެއް ނުފެނެއެވެ.
އެއާޕޯޓްގައި މީހުން ބިރުގަންނަ ގޮތަށް މިފަދަ ވާހަކަ ދެއްކުމަކީ ވެސް ގާނޫނީ ކުށަކަށް ވާތީ ވަގުތުން މިސްރު މީހާ ހައްޔަރުކުރި އެވެ. އޭނާ ވަނީ ހައްޔަރުކުރަން އުޅުމުން އެއީ މަޖަލަކަށް ދެއްކި ވާހަަކައެއް ބުނެ، މާފަށް އެދިފަ އެވެ.
ޕީޓާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވެސް މާފަށް އެދި، އެއީ މަޖަލަށް ދެއްކި ވާހަކައެއް ކަމަށް ބުންޏެވެ.



