ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކްގެ ލިސްޓަށް ބަދަލު ގެނައީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނޛ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ގެންނެވި ބަދަލާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
ރައީސްގެ ޤަރާރުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓަށް މައިގަނޑު 3 އިސްލާހެއް ވަނީ ގެންނަވާފައެވެ. އެގޮތުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2031 އާހަމައަށް ވަނީ ފަސްކުރައްވާފައެވެ. އަދި މި ބާވަތުގެ ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން އެ އަހަރުގެ ޑިސެމްބަރު 19އަށް ވަނީ ފަސްކުރައްވާފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެންނަވާފައިވަނީ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެންހުރި ކަރުދާހުގައި ތައްޔާރުކޮށްފައި ހުންނަ ހޮޅި ބޭނުންކުރުމުގައި ފޫދި، ފެނަށް ގިރި، އެ ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރާތީ ކަމަށެވެ. އަދި އެފަދަ ހޮޅި އުފެއްދުމުގައި ހޮޅީގެ އެތެރޭގައި ޕްލާސްޓިކް ފަށަލައެއް ލެވި އަދި ތެރަސް ބޭނުންކޮށްފައި ހުރުމުން އެ ހޮޅި ބޭނުންކުރުމަށްފަހު އެއްލާލުމުން މައިކްރޯ ޕްލާސްޓިކް އުފެދުމަށް ފުރުސަތު ބޮޑުކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ޕްލާސްޓިކް ހޮޅީގެ ބަދަލުގައި އެކަށީގެންވާ ފެންވަރު ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި ބަދަލެއް ބާޒާރަށް ނެރެ ތަޢާރަފުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެންނެވީކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްލާސްޓިކް ހޮޅީގެ އިތުރުން ފެން ބަންދުކޮށްފައި ހުންނަ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރެވޭނެ އެންމެ ފަހުގެ ތާރީޚުތަކަށް ވަނީ ބަދަލު ގެންނަވާފައެވެ. މިފަދަ ފުޅި 1 ޑިސެންބަރު 2029 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ކަނޑައަޅުއްވާފައިވާއިރު އެފަދަ ފުޅި ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2030ގައެވެ.



