މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުތެރޭ ލިބޭނެ ކަމަށް އަންދާޒާ އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިއަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ހިލޭ އެހީގެގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެވެސް އިތުރުވެފައެވެ. މިދިޔަ އަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބިފައިވަނީ 252.4 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ.
މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިއަން ރުފިޔާއިން، 22.35 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %8.5 ގެ އިތުރުވުމެކެވެ.
މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު %18.6 އިތުރުވެ، 22.75 ބިލިއަން ރުފިޔާއިން 26.98 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %6.9 އިތުރުވެ 3.63 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.




