ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދިރާސާތައް ކުރެވެމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަކީ އޭގެ ސަބަބުން ތިމާވެއްޓަށްވެސް ގިނަ ގެއްލުންތަކެއް ލިބޭ އެއްޗަކަށްވާއިރު، މިކަމަށް ދެމެހެއްޓެނިވި ހައްލުތަކެއް ބޭނުންވެއެވެ. އެހެންކަމުން އެކަމަށް ތަފާތު އެކި މޮޑެލްތައް ރާއްޖެއަށް ތައާރަފްކުރުމަށް ދިރާސާތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑިރެކްޓަރ ޖެނެރަލް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލޫޝަން ކޮންޓްރޯލް އަހުމަދު މުރުތަޟާ ވިދާޅުވީ، ޕްލާސްޓިކްގެ މައްސަލަ ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތަފާތު މޮޑެލްތަކުގެ ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ، އީޕީއާރު ތައާރަފްކުރުމަށް އެކަމާ ގުޅޭ ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މުރުތަޟާ ވިދާޅުވިއެވެ.
”އީޕީއާރު ތައާރަފްކުރީމަ ނުޖެހޭނެ ވަކި ސައިޒެއްގެ ފުޅިތައް މަނާކުރާކަށްވެސް، އޭގަ އަޅުގަނޑުމެންނަށް ކަލެކްޝަން ސެންޓަރުތަކެއް ޤައުމުކުރެވި، އުކާލާ ފުޅިތައް މަދުކުރެވޭނެ ކަމަށް ޤަބޫލުކުރެވެނީ، އީޕީއާރު ނުވާނެ ރާއްޖެ ފަދަ ޤައުމަކަށް ތަންފީޒުކުރަން ފަސޭހަ ކަމަކަށް، މިކަމަށް ދިރާސާތަކެއް ކުރެވެމުން މިދަނީ، އީޕީއާރު ފްރޭމްވޯކެއް މިހާރު ވަނީ އެކުލަވާލާފައި،“ މުރުތަޟާ ވިދާޅުވިއެވެ.
އީޕީއާރު ނުވަތަ އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ އަކީ އުފެއްދުމެއް އުފައްދާ ޤައުމުތަކުގަ ތަކެތި އުފައްދާ ފަރާތްތަކުން ނުވަތަ ބާޒާރަށް ނެރޭ ފަރާތްތަކުން އެތަކެއްޗަށް ޒިންމާވާ ގޮތަށް ހިންގާ ނިޒާމެކެވެ. ނަމަވެސް، ރާއްޖޭގައި މި ނިޒާމު ތަޢާރަފުކުރުމުން ވަކި ސައިޒުތަކެއްގެ ޕްލާސްޓިކް މަނާކުރުމުގެ ބަދަލުގައި، ހަރުދަނާ ކަލެކްޝަން ނުވަތަ ކުނި އެއްކުރާ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މީގެ ސަބަބުން ތިމާވެއްޓަށާއި އެކި ތަންތަނަށް އުކާލެވޭ ޕްލާސްޓިކް ފުޅިތަކުގެ ޢަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.



