މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިިރޭ ބަންދުކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން އާންމުކުރި އެންގުމެެއްގައިވާ ގޮތުން ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް ތައްޔާރުވުމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދު މަގުގެ އެއް ފަޅި ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރުކުރުމަށް ބޭނުންކުރެވޭނެއެވެ.
އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ވެސް އެ ކުންފުނިން މާފަށް އެދެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް އޮތީ މަގު ފުޅާކޮށްފައެވެ.




