އަބޫދާބީގެ ”އީގަލް ހިލްސް“ އިން ރަސްމާލޭގައި ހިންގާ 308 ބިލިއަން ރުފިޔާގެ މަޝްރޫޢަށް ދިން ބިމަކީ ވިއްކާލި ތަނެއް ނޫން ކަމަށާއި އެއީ ކުއްޔަށް ދޫކުރި ބިމެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ވެސް އާންމުކޮށް ބިންތައް ދޫކުރާ އުސޫލުން، 20 ބިލިއަން ޑޮލަރުގެ މި ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަށް އީގަލް ހިލްސްއަށް ބިން ހަވާލުކޮށްފައި ވަނީ 99 އަހަރުގެ މުއްދަތަކަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ބިމުން ކުޑަ މިންވަރެއްވެސް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ނުދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.
އެހެންކަމުން، މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން ދިވެހިންގެ ބިމުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެކަމާއި، މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ ޝަހަރުގެ ޙަޤީޤީ ވެރިންނަކީ ދިވެހި ރައްޔިތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ބޮޑު މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، 54،000 އަށްވުރެ ގިނަ އައު ވަޒީފާ އުފެދި، މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން އަހަރެއްގެ މައްޗަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަލަށް ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއަށް އަހަރަކު 2 ބިލިއަން ޑޮލަރު އިތުރުވެގެންދާނެއެވެ.


