އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަސިޓީސް (އޭސީޔޫ)ން ހިންގާ ކިންގްސް ކޮމަންވެލްތު ފެލޯޝިޕް ޕްރޮގްރާމް (ކޭސީއެފްޕީ)ގެ ދަށުން، ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެހިފައިވާ އަންޑަގްރެޖުއޭޓް ފެލޯޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ހާއްސަކޮށްގެން ހިންގާ މި ފެލޯޝިޕްގެ ދަށުން ކިޔަވައިދޭ ރަސްމީ ހޯސްޓް އިންސްޓިޓިއުޝަނެއްގެ ގޮތުގައި ރާއްޖޭން ހޮވިފައިވަނީ ވިލާ ކޮލެޖެވެ.
މި ފެލޯޝިޕަށް އެދި އަންނަ މަހުގެ 14ގެ ރޭގަނޑު 8ގެ ކުރިން ހުށަހެޅޭނެ އެވެ.
މި ފުރުސަތުގެ ސަބަބުން، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ޒުވާނުންނަށް ލިބިގެންދާނެ އެވެ. އަދި ފެލޯޝިޕް ލިބޭ ދަރިވަރުން ކިންގްސް ފެލޯސްގެ ގޮތުގައި ބައިނަލްއަގުވާމީ އެކަޑެމިކް ނެޓްވޯކަކާ ގުޅި، މުޖުތަމައަށް ހިދުމަތްކުރާނެ މާދަމާގެ ލީޑަރުންގެ ގޮތުގައި ބިނާވެގެންދާނެއެވެ.



