ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވާރޭ ވެހިފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ސ. ގަމަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހާމަކޮށްފިއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް ސ. ގަމަށް ވަނީ 60.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ވެސް އައްޑޫ ސިޓީގެ ރަށަކަށެވެ. އެއީ 35.0 މިލިމީޓަރުގެ ވާރޭ ވެހުނު ސ. ހިތަދޫއަށެވެ. އަދި ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. އެ ރަށަށް 27.0 މިލިމީޓަރުގެ ވާރޭ ވަނީ ރެކޯޑު ކުރެވިފައެވެ.
މީގެއިތުރުން ދެކުނުގެ އެހެން ބައެއް ރަށްތަކަށް ބަލާއިރު ގދ. ކާޑެއްދޫއަށް 9.7 މިލިމީޓަރު، ގދ. ތިނަދޫއަށް 6.9 މިލިމީޓަރު، ގއ. ގެމަނަފުށްޓަށް 2.2 މިލިމީޓަރު އަދި ގދ. ފަރެސްމާތޮޑާއަށް 1.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ބުނެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބަލާއިރު، އދ. މާމިގިއްޔަށް 7.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ވެރިރަށް މާލެއަށް ވެހިފައިވަނީ 5.7 މިލިމީޓަރުގެ ވާރޭއެވެ. އަދި ފ. ބިލެއްދޫއަށް 4.4 މިލިމީޓަރު، އއ. ތޮއްޑޫއާއި ހދ. ހަނިމާދޫއަށް 3.9 މިލިމީޓަރު، ކ. ގާފަރަށް 3.3 މިލިމީޓަރު، ފ. ނިލަންދޫއަށް 2.8 މިލިމީޓަރު، ހުޅުލެއަށް 2.2 މިލިމީޓަރު، ހުޅުމާލެއަށް 2.1 މިލިމީޓަރު އަދި އއ. ހިމަންދޫއަށް 1.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.



