ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ ”މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ“ މަޝްރޫއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބު ދެއްވައި، ތަފްސީލު ކޮށްދެއްވައިފިއެވެ.
މި މަޝްރޫއުއާ ބެހޭގޮތުން އިތުރު ތަފްސީލު ލިންކްޑްއިންގައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއަށް ރަސްމާލޭގެ މަޝްރޫއު ވާއިރު ބައެއް ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވަމުންދާ ކަމަށާއި އެކި ފަރާތްތަކުން އުފައްދާފައިވާ ގިނަ ސުވާލުތަކަކީ ހަގީގީ ސުވާލުތަކެއް ކަމަށް ވާތީ، އެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވަން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ ޗެކަކަށް ނޫން ކަމަށާއި ދައުލަތަށް ލިބޭނެ އާމްދަނީއަށް ކަމަށެވެ.
° ޓީޖީއެސްޓީ: ކޮންމެ ހޮޓަލެއްގައި މަޑުކުރުމުން، ކޮންމެ ކެއުމަކުން އަދި މި މަޝްރޫއުގެ ތެރޭގައި ހިންގާ ކޮންމެ ފިހާރައަކާއި ހިދުމަތަކުން ނެގޭ ޓީޖީއެސްޓީ – މިއީ އެއްވެސް އިނާޔަތެއް ނެތި، ރާއްޖޭގެ ކޮންމެ ރިސޯޓަކުން ވެސް ދައްކާ ކަހަލަ ޓެކްސް.
° ރެވެނިއު ޝެއާ: މާސްޓަ ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓުގެ ހިއްސާއެއް.
° ޕްރޮޕަޓީ ޓްރާންސެކްޝަން: މުދާ ގަނެވިއްކުމުގެ ކޮންމެ މުއާމަލާތަކުން ހަތަރު ޕަސެންޓް.
މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވާތީ މިއީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”ޑޮލަރު ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ތަޖުރިބާކުރަމުންދާ ގައުމަކަށް މިއީ ވަރަށް ބޮޑު ކަމެއް. އަދި މިއީ މަޝްރޫއުގެ ތެރެއިން ސަރުކާރަށް ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އެއްޗެއްކަން ފާހަގަކޮށްލަން،“ މުއްތަލިބު ވިދާޅުވި އެވެ.
މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، އިގްތިސާދަށް 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



