މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު ހޯމަ ދުވަހުގެ ރެއިން ފެށިގެން ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ރޭގައި ބުނެފިއެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ވެސްޓްޕާކާ ދިމާލުން އޮންނަ ހަވީރީ މަގު ބަންދުކުރުމާ ގުޅިގެން އޯކިޑު ރޫޓާއި އޮރެންޖް ހިޔާ ރޫޓުގެ ބަސްތައް ވެސްޓްޕާކު ބަސް ސްޓޮޕަށް މަޑުނުކުރާނެ ކަމަށެވެ.
އޭގެބަދަލުގައި އެ ބަސްތައް މަޑުކުރާނީ އަދި އެ ދެ ރޫޓުގެ ދަތުރުތައް ފެށޭނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުން ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެއިތުރުން މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށް ފަހު ހެންވޭރުން އެނބުރި މާފަންނަށް ދަތުރުކުރާ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް، ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށް ފަހު ސަބުދެލި މަގުން މަޖީދީ މަގަށް ނިކުމެ އާންމު ރޫޓުން ކަމަށް އެމްޓީސީސީން ބުންޏެވެެ.
އެ ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދި އެމްޓީސީސީން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އިން ލިބޭނެއެވެ.




