ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު އިއްޔެ ނިޔާވެއްޖެއެވެ.
ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް އިއްޔެ ހަވީރު 3:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ / މުހައްމަދު ޝައްފާން (30އ.) އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



