މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ސަޕްލައި ދޯނި ”ފްރެންޑް ހަތަރެއް“ ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އެ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ސަލާމަތީ އޮޕަރޭޝަނެއް ހިންގާފައެވެ.
އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އެ މީހުން ގެއްލުނު ފަހުން ދެ މަސް ފުރެން މިހާރު ވަނީ ގާތްވެފައެވެ.
މިދިޔަ މަހު 17ގައި އެމްއެންޑީއެފުން ބުނި ގޮތުގައި، އެ މީހުން ހޯދުމަށް ވަނީ މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައެވެ. އަދި، އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އޭރު އެމްއެންޑީއެފުން ބުނެފައިވެއެވެ.


