ނަފްސާނީ ފަރުވާއަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިކަން ހުރި ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ޖުމްލަ 50 އެނދުގެ އެ ހޮސްޕިޓަލު އިމާރާތް ކުރުމަށް، ބިޑްގައި ބައިވެރިވުމަށް 1،500ރ. ނުވަތަ 100 ޑޮލަރު އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 864،000.00ރ. ދައްކަންޖެހެއެވެ.
ބިޑު ހުށަހަޅަން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތުދީފައިވެ އެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ބިޑްތައް ހުޅުވާނެއެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް އަޅާނެކަން މިދިޔަ އޭޕްރީލް މަހު އިއުލާން ކުރައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 މީހުން އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވިއެވެ.



