ރާއްޖެއާ އެކު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ރޭގައި ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ މިދިޔަ 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް އެ ގައުމުން 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ފެނާއި ނަރުދަމާގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ސައުދީން ބޮޑެތި އެހީތަކެއް ދީފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ އިސްލާމީ ކަންކަމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރުން ތަރައްގީ އާއި ޓޫރިޒަމާއި ތައުލީމީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ގައުމުން ޝައުގުވެރިވާ ކަމަށެވެ.
ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުން ދެމެހެއްޓުމަށް ބޭނުންވާކަމަށް ވެސް ވާހަކަފުޅުގައި ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު އޮތް ގުޅުމަކީ އެ ގައުމުން ރާއްޖެއަށް ކުރާ އިތުބާރާއި ރާއްޖޭގެ ތަރައްގީއަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.



