ވާރޭގައި ނުދުއްވިގެން ބްރިޖުމަތީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ޖެހިގެން ރޭގައި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނި ގޮތުގައި، ބުރިޖުމަތީގައި ދެ ސައިކަލު ޖެހި، އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 02:21 ހާއިރެވެ.
މި އެކްސިޑެންޓު ހިނގީ، ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބުރިޖުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށް މި އެކްސިޑެންޓުގައި އަނިޔާވި ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެ މީހާގެ ފައިގެ ކަށިމަތި ވަނީ ފަޅައިގެން ގޮސްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


