އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވްއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވެވޭނެއެވެ. އަދި އެއް އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ދަތުރުކުރާ ނަމަ، ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ހުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ޓްރާންސިޓްކުރުމުގައި ވެސް މި ލުއިފަސޭހަ ލިބިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިގޮތުން، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ. އަދި ބެލަރޫސް ސަރުކާރުން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުމަށް އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.



