މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2024 ގެ ޑިސެމްބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ”ޕިންކް ބިލްޑިންގާއި“ ”ގްރީން ބިލްޑިންގް“ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެ އިމާރާތްތަކަށް ތުހުމަތުވާ އެއްވެސް މީހަކު ނުވަންނަކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
އެ އަލިފާނުގެ ހާދިސާއާ ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ބަހުސްތައް އުފެދިފައިވަނިކޮށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީޖީ ފުޓެޖުން ފެންނަ ގޮތުގައި، ފުރަތަމަ ދުންއަރާ މަންޒަރު ފެނުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. އެއީ އެ ދުވަހުގެ ހެނދުނު 6:13 ހާއިރެވެ.
އެ މަންޒަރު ފެނުނުއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވީ އިމާރާތުގެ ސެކިއުރިޓީ ގާޑަކާއި، އެ ހިސާބުގައި ހުންނަ އެސްޓީއޯ ކޮށިން ދިޔަ ބިދޭސީ މީހެކެވެ. ނަމަވެސް އެދުވަހުގެ 6:17 ހާއިރު، އެ ހާދިސާ ރިޕޯޓުކުރީ އެ ސަރަހައްދަށް ދިޔަ އެމްއެންޑީއެފް އޮފް ޑިއުޓީ އޮފިސަރެކެވެ.
އެއަށްފަހު އެމްއެންޑީއެފުން އެ ސަރަހައްދަށް ދިޔަ ގަޑިއެއް ސީސީޓީވީ ފުޓެޖުން ނުދައްކައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ގޯތިތެރެއަށް ފަޔާ ފައިޓަރުން ވަދެފައި ވަނީ 6:35 ހާއިރު ކަމަށް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ކިޔައިދިން ގޮތުގައި، އިމާރާތުގައި ދުންގަނޑު ފެތުރެމުން ދިޔަ ނަމަވެސް އަލިފާން ރޯވެފައި ހުރި ތަނެއް ފަޔާ ފައިޓަރުންނަށް ފުރަތަމަ ނުފެނެއެވެ. އެހެންވެ، އަލިފާން ރޯވި ތަނެއް ހޯދަމުން ދަނިކޮށް ސީލިންގް މަތިން ރޯވެފައި ހުރި ނަރުތައް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ސީލިން ތެރެއިން ރޯވެފައި ހުރި ނަރުތަކެއް ފުރަތަމަ ފެނުނީ 7:16ގައެވެ. އެ އަލިފާން ނިއްވާލުމަށް ފަހު ވެސް ސީލިން ތެރޭގައި އެކިއެކި ސަރަހައްދުގައި ރޯވެފައިހުރިކަން އެނގުމުން، އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަލިފާން ރޯވެފައި ހުރީ އެކި ތަންތަނުގައި ކަމުން، އެއްކޮށް ނިއްވާނުލެވި، ހުޅުގަނޑު ފެތުރިގެން ދިޔައީ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނި ގޮތުގައި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 12:45ހާއިރެވެ. އަދި އެއްކޮށް ނިއްވާލެވުނީ 15:30ގައެވެ.
އެ ފުޓެޖް ދައްކަމުން ފުލުހުން ވަނީ، ގްރީން ބިލްޑިންގް ވަށައިގެން ސީސީޓީވީ ހަރުކޮށްފައިވާ ސަރަހައްދުތައް ހާމަކޮށްފައެވެ. އަދި އެ ސީސީޓީވީތަކަށް ނުފެނި އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭނެކަން ފާހަގަކުރިއެވެ.


