ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ތަރައްގީކުރާ ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ އަދި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަން ހުއާ މިއަދު ވިދާޅުވެއްޖެއެވެ.
ސަފީރު މިކަން ހާމަކުރެއްވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ ބިޑިން ނުވަތަ ކޮންޓްރެކްޓަރުން ހޮވުމުގެ މަރުޙަލާގައި ކަމަށެވެ. އަދި މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއު މިހާރު އޮތީ ޑިޒައިނިން މަރުޙަލާގައި ކަމަށް ވިދާޅުވިއެވެ. މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ އިމާރާތްކުރުމުގެ ބިޑިންގ މަރުޙަލާގައި. މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ދަނީ ޑިޒައިން ކުރެވެމުން. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ،“ ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގެ ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ ހުއްދަ ލިބޭނެ ކަމަށް ވިދާޅުވިއެވެ.



