ރާއްޖޭގެ އުމްރާނީ އިޖުތިމާއީ ތަރައްގީގައި ޗައިނާއިން ދެމުންދާ އެހީތެރިކަން ފެންނަމުންދަނީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުންތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމާއި، ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ހާރިޖީ ބަޔާންތަކަކުން ފެންނަން އޮތް ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމުން އިހްސާސްކުރެވޭ، ލޮލަށް ފެންނަ އަދި އަތުން ހިފޭ ގޮތަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
އެގޮތުން، ސިނަމާލެ ބުރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ އެކި ދާއިރާތަކުން ޗައިނާއިން ވަމުންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.
”ސިނަމާލެ ބްރިޖަކީ ހަމައެކަނި ސިމެންތިއާއި ދަގަނޑުން ހަދާފައިވާ ބިނާއެއް ނޫން. ބުރިޖަކުން ރަމްޒުކޮށްދެނީ ރައްޔިތުންނާއި، މުޖުތަމައުތަކާއި، އަދި ގައުއުމުތައް ގުޅުވައިދޭ ގުޅުން. އަޅުގަނޑުމެން އެދެނީ ރާއްޖެ އާއި ޗައިނާ ގުޅުމަކީ ފުރުސަތުތަކަށާއި، ފާގަތިކަމަށާއި، އަދި އުޖާލާ މުސްތަގުބަލަކަށް ވާސިލުކޮށްދޭ ބުރިޖެއްގެ ގޮތުގައި ދެމިއޮތުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ގައުމަކަށް އެކަނި އަދުގެ ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށެވެ.



