ވަރަށް ބޮޑަށް ހަލާކުވެ، ގިނަ އަދަދަކަށް ވަޅުގަނޑު ހެދިފައި އޮތް އައްޑޫ ލިންކް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ސަރުކާރުން ހަވާޅުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، ކުރު ބަޔާނެއް ނެރެފަ އެވެ.
އެގޮތުން މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.
މިކަމާ ބެހޭގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މި މަޝްރޫއުގެ ދަށުން ލިންކް ރޯޑު ހަތަރު ލޭނަށް ފުޅާކުރާނެ ކަމަށާއި ލިންކް ރޯޑު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ޑީޓުއާ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ކަމށެވެ. އަދި މަގުގެ ޖުމްލަ ދިގުމިނަކީ 12.3 ކިލޯމީޓަރު ކަމަށް ވެސް ބުނެފައިވެއެވެ.
މި މަޝްރޫއަށް ހަރަދު ކުރަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައެއްނުވެ އެވެ.



