ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށް ހަމަޖައްސައި، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތް ކުރައްވާ އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ޗައިނާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.
އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ”އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިން“ އަދި ”ނެވިގޭޝަން ޓެކްނޮލޮޖީ“ ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިން ޗައިނާ އެންޑް ދަ މޯލްޑިވްސް“ ގެ ނަމުގައި ރާއްޖޭގެ ދާރުލްއާސާރުގައި ވެސް ހާއްސަ މައުރަޒެއް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މައުރަޒުތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރާއި މެރިޓައިމް ސިލްކް ރޫޓުގެ ތާރީހީ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.



