ރަސްމީ ލިޔެކިޔުންތަކެއް އަޅާފައި ހުރި ލޮކަރުތަކެއް، އުސޫލުން ބޭރުން ހުޅުވާފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީއިން އިއްޔެ އެތަނަށް ފުލުހުން ގެނެސްފިއެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ހައުސިން މިނިސްޓްރީއިން ހުށަހެޅި އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ގޮސް އެ މައްސަލަ ބަލާފައެވެ.
އެގޮތުން ފުލުހުންގެ ހާޒިރުގައި މިނިސްޓްރީގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލާ ފާސްކޮށްފައިވާ ކަަމަށާއި އެކަމަކު އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީ ވެސް މީގެ ކުރިން ހިންގި އިމާރާތުގައި 12 ޑިސެމްބަރު 2024 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވުމުން، މިހާރު އެ މިނިސްޓްރީ ހިންގަނީ ދަރުބާރުގޭގައެވެ.



