ރައްޔިތުންގެ ސީދާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ މަޤުސަދުގައި ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގެ އިތުރު އެޕިސޯޑެއް މިރޭ 21:00ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭގެ ފޯރަމްގައި ސަރުކާރުގެ މުހިންމު ތިން މިނިސްޓަރުން ބައިވެރިވެވަޑައިގެން، އެ ބޭފުޅުންގެ ދާއިރާތަކާ ގުޅޭގޮތުން އާންމުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް އަލިއަޅުއްވާލައްވާނެއެވެ.
އެގޮތުން މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނަކީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާނެވެ.
ދެ ގަޑިއިރަށް ދެމިގެންދާނެހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި އާންމު ރައްޔިތުންނަށް މި ތިން މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުޅާ ފުރުޞަތެއް ވަނީ ފަހިކޮށްދީފައެވެ. މިގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެގެންނާއި، ޕީއެސްއެމްގެ އެއަރ އެޕްލިކޭޝަން ބޭނުންކޮށްގެން ވެސް ވަޒީރުންނަށް ސުވާލުތައް އަމާޒުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.




