މިސްކިތްތަކަށް ގެއްލުން ދިނުމުގެ ރެކޯޑު އޮތް ނައުޝާދު މޫސާ (32އ.) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު އަމުރުކޮށްފިއެވެ.
ނައުޝާދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ ކުށްތައް ތަކުރާރުކޮށް ކުރަމުންދާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދު ރެކޯޑުތަކުން އެނގޭ ކަމަށެވެ.
އެގޮތުން އޭނާ އެންމެ ފަހުން ހައްޔަރުކުރީ މި މަހުގެ 10ގަ އެވެ. އެ ދުވަހު އޭނާ ހައްޔަރުކުރަނީ މިސްކިތަށް ބޮޑުކަމުގޮސްގެން ކަމަށް ފުލުހުން އޭރު ބުންޏެވެ.
އެ ދުވަހު އޭނާގެ ބަަންދަށް ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެވެ. މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރަނީ ކުރިން ޖެހި މުއްދަތު ހަމަވެގެނެވެ.
އޭނާއަކީ މީގެކުރިން ވެސް ދެތިން ފަހަރަކު މިސްކިތްތަކުގެ ހުރުމަތް ކަނޑާލައި، މިސްކިތްތަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެއްކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ނައުޝާދު މީގެ ކުރިން ވަނީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކަައި އެ މިސްކިތުގެ އިސްކުރުުބަރިތަކަށް ގެއްލުންދީ، ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ.
މީގެއިތުރުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރުކުރިއެވެ.
މީގެ ކުރިން ފުރުގާން މިސްކިތަށް ގެއްލުން ދިން ފަހަރަކު ބައެއް އިލްމުވެރިން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ އާންމު ގޮތެއްގައި މިސްކިތުގައި ނިދާފައި ވެސް އޮންނަ މީހެކެވެ.




