ދިވެހިރާއްޖެއަށް ޚާއްސަވެގެންވާ ޤުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަޤާފީ ސިފަތަކާއި އަދި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމުގެ ޒަރީޢާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް، މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
އެމަނިކުފާނު ވަނީ، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެހައި ހިއްސާދާރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ތަރައްޤީގައި މި ސިނާޢަތުގެ މުހިންމު ޙިއްޞާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުޞަތުތަކެއް ފަހިކޮށްދީ، އަދި ރާއްޖޭގެ އައްސޭރިތަކަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ. އަދި މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުޞަތުތަކެއްކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.



