ކުޅިވަރުގެ ވަސީލަތްތަކުގެ މަރާމާތުގެ މަސައްކަތްތައް ހަރުދަނާކުރަން ރަށްރަށުގައި ހަދާ ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދައުރު ފުޅާކުރައްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
އެހެންކަމުން އެ ތަންތަން ވީރާނާ ވަމުންދާއިރު ވެސް މަރާމާތުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރެވޭ ކަމަށް ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން އެ ވަސީލަތްތަކުގެ އުމުރު ކުރުވެ، އެއްކޮށް އަލުން ބަދަލުކުރަންޖެހޭ ހިސާބަށް ހާލަތު ވަނީ ގޮސްފަ އެވެ.
ސްކޫލްތަކާއި ހޮސްޕިޓަލްތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އުސޫލަށް، ރާފިއު މިސާލު ނެންގެވި އެވެ. އޭނާ ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ވެސް އަދި ރެކްރިއޭޝަން ސެންޓަރުތައް ވެސް ޔޫތު، ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ކަމަށެވެ.



